ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ދެ ކާރެއްގައި ޖެހި ދެ އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ދެ ކާރެއްގެ ފަހަތުގައި ސައިކަލުތަކެއް ޖެހި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ރޭ 9:48 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރެއްގައި އެ ދެ ސައިކަލު ޖެހިގެން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމުގަ އެވެ.
އެކްސިޑެންޓު ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގާފައިވާކަން ވެސް ފުލުހުން ފާހަގަކުރި އެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އިތުރު އަނިޔާތަައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުތަކުގައި އަނިޔާވި އެންމެނަށް ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ދަނީ އެ ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.