ސްކޭމްކޮށްގެން މިދިޔަ ހަފުތާގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލުނު

ސްކޭމްކޮށްގެން ފާއިތުވި ހަފުތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފި އެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ސެންޓަރަށް ހަތް ދުވަހުގެ ތެރޭގައި 45 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި ޖުމްލަ 481,520.67 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފަ އެވެ.
ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ ހޯދިއިރު، އެންމެ ގިނައިން ހިންގާފައި ވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމުގައި އެ ސެންޓަރުން ފާހަގަކުރެ އެވެ. އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެ އެވެ.
އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ. އެންޓި ސްކޭމް ސެންޓަރަށް ފޭސްބުކް މާކެޓްޕްލޭސް އާ ގުޅުންހުރި 20 މައްސަލައެއް ހުށަހެޅި އެވެ.
ސްކޭމްގެ ބާވަތްތައް:
- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް - 10 މައްސަލަ
- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް - 5 މައްސަލަ
- އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ - ކޮންމެ ބާވަތަކުން 1 މައްސަލަ
ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:
- ވައިބާ - 9 މައްސަލަ
- ފޯނު ކޯލް - 6 މައްސަލަ
- އައިބޭ، މެސެންޖާ، ޓެލެގްރާމް އަދި އިންސްޓަގްރާމް
ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:
- ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓުތަކުގެ ޕާސްވޯޑު ބަދަލުކުރުން
- ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން
- ހުރިހާ މުއާމަލާތްތަކެއްގެ ތަފުސީލާ އެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން
- ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކުރުން
- އެހެން މީހުން ސަމާލު ކުރުވުމަށް ތަޖުރިބާ ހިއްސާކުރުން






ކޮމެންޓް