ކައުންސިލުތަކުގެ އިންތިހާބު އޭޕްރީލް ގައި ބޭއްވޭތޯ ބަލަނީ

ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
އެކަން ހާމަކޮށްފައިވަނީ އީސީގެ ރައީސް މުހައްމަދު ޒާހިދު ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޒާހިދު ވިދާޅުވީ ކައުންސިލު އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ މެންބަރަކު "ދެން" އަށް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް އަދި ސީދާ ފައިނަލް ނުވާ ކަމަށެވެ.
ސީދާ ތާރީހެއް ކަނޑައެޅޭނީ ވޯޓުލާ މަރުކަޒުގެ "އެވޭލެބިލިޓީ" އަށް ބެލުމަށް ފަހު ކަމަށެވެ. ތާރީހު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މާޗު ފަހު ހަފްތާ (28) ގައި ނޫނީ އޭޕްރީލް ކުރީކޮޅު ބޭއްވޭތޯ މި ބަލަނީ
ކައުންސިލު އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބޭއްވުމުގެ މަސައްކަތް ފަށާފައިވާއިރު ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ފިޔަވާ ދެން ތިބޭ މެންބަރުންނަކީ ޕާޓް ޓައިމް މަގާމަށް ބަދަލުކުރައްވަން ޖެނުއަރީ މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހިޔާލު ހުށަހަޅުއްވައިފަ އެވެ.
ގދ. ފިޔޯރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލުތަކުގެ ސައިޒް ކުޑަކޮށްފިނަމަ 'ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަން' އަށް އަސަރުކުރުން ކަމުގެ ކަންބޮޑުވުން އޮތުމުން، އެމަނިކުފާނު ހުށަހަޅުއްވާ ހިޔާލަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް ފުލްޓައިމްކޮށް ތިބޭނީ 2 ކައުންސިލަރުން ކަމަށް ކަނޑައެޅުން ކަމަށެވެ.
އެގޮތަށް އަދި މިހާތަނަށް ގާނޫނަށް އިސްލާހު ގެނެސްފައެއް ނުވެ އެވެ.
