ނޫސްވެރިޔާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުވާ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަަހަޅައިފި

ވަން އޮންލައިން ނޫހުގެ ފޮޓޯ ޖާނަލިސްޓް، ހަމްދާން އަހުމަދަށް ދެ ފުލުހަކު އަނިޔާކުރި ކަމަށް ތުހުމަތުވާ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހަޅައިފި އެވެ.
ނޫސްވެރިޔާއަށް ލިބިފައިވާ ކަމަށް ބުނާ ޖިސްމާނީ އަނިޔާތަކާއި މެޑިކަލް ރިޕޯޓަށް ރިއާޔަތްކޮށް އެމްޖޭއޭއިން އިއްޔެ ބުނެފައި ވަނީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަނިޔާވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
އެހެންވެ ހަމްދާނުގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއްދީ، އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ އެ ޖަމިއްޔާގެ ފަރާތުން އެކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި އޭނާ ސީނަށް ގޮސް ހުއްޓުވުމުގައި އުޅުނު ދެ ފުލުސް އޮފިސަރުންގެ މައްސަލަ ޖަމިއްޔާގެ ފަރާތުން އެންއައިސީއަށް ހުށަހަޅާނެކަން ވެސް އެމްޖޭއޭއިން ފާހަގަކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން އެ ޖަމިއްޔާއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަމްދާނަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުވާ މައްސަލަ ތަހުގީގު ކޮށްދިނުމަށް މިއަދު އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެެވެ.
ފުލުހުން އަނިޔާކުރި ކަަމަށް ބުނަނީ ނޫސްވެރިޔާ ހުއްދަ ނުނަގައި ޑްރޯން ދުއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
އެމްޖޭއޭއިން ވަނީ ފޮޓޯ/ވީޑިއޯ ނެގުމުގައި ހުއްދައެއް ނަގަން ޖެހޭ ނަމަ އެފަދަ ހުއްދަތައް ނެގުމަށާއި އެކަމަށް ނޫސް އިދާރާތަކުން ވެސް ނޫސްވެރިންނަށް ބާރު އަޅައި، އެފަދަ ހުއްދަތައް ނަގާފައި ހުންނަކަން ކަށަވަރުކުރަން އިލްތިމާސްކޮށްފަ އެވެ.
