ޚަބަރު

ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލާތީ މަލިކުގައި މުޒާހަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ --

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިދިނުން ހުއްޓާލުމަށް އިންޑިއާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން ނިންމުމާ ގުޅިގެން އެކަމާ އިހުތިޖާޖުކޮށް، ކަރިކިއުލަމްގައި އަލުން ދިވެހި ބަސް ހިމަނައިދޭން ގޮވާލައި މަލިކު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

Ads by STELCO

މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލަން ނިންމުމާ ގުޅިގެން އާންމުންގެ އޮތް ކަންބޮޑުވުން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައި ވަނީ މަލިކުގައި ކުރިއަށް ދިޔަ މުޒާހަރާގެ ވީޑިއޯއެއް މުފީދުއްދީން ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާ ގުޅިގެންނެވެ.

ދިވެހި ބަސް ކިޔަވައި ނުދޭން ނިންމުމަކީ ތައުލީމީ ނިޒާމަށް ހަމައެކަނި ދޭ ހަމަލާއެއް ނޫން ކަމަށާއި ކަމަކީ މަލިކު މީހުންގެ ސަގާފަތާއި ނަސްލަށް ދޭ ހަމަލާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ. މިއީ އެ މީހުންގެ ސަގާފަތް ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށާއި އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އާންމުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.

ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމުމާ ގުޅިގެން އިންޑިއާގެ ޕާލަމެންޓުގައި މަލިކާ އެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ މެމްބަރު ހަމްދުއްލާ ސައީދު ވަނީ އެ އެންގުން ބާތިލުކޮށް، ކަރިކިއުލަމްގައި އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ ސްކޫލުގެ މެނޭޖްމަންޓް ކޮމިޓީ އާއި ޓީޗަރުންނާއި ބެލެނިވެރިން އަދި އިންތިހާބުކޮށްފައިވާ މަންދޫބުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ސަމާ ބްރޭކަށް ސްކޫލުތައް ބަންދުކުރި ދުވަސްވަރާ ދިމާކޮށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން އޮތް ކަން ވަނީ ފާޅުކޮށްފަ އެވެ.

ދިވެހި އަދި އަރަބި ބަހަކީ މަލިކު މީހުންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިލާމެހިފައިވާ ބަސްތަކެއް ކަމުގައި ފާހަގަކޮށް ސިޓީގައި ވަނީ ސްކޫލުތަކުގައި އެ ދެ ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ. އަދި ތައާރަފުކޮށްފައިވާ ތްރީ-ލެންގްއޭޖް ފޯމިއުލާގެ ތެރޭގައި ދިވެހި އަދި އަރަބި ބަސް ހިމަނައި، އަލުން ކިޔަވައިދޭން ފެށުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށާއި ކެރަލާ އަދި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އިހުތިޔާރީ މާއްދާތަކެއްގެ ގޮތުގައި ދިވެހި އަދި އަރަބި ބަސް ހިމެނުމަށް ވެސް ސިޓީގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!