ޚަބަރު

ނޯޓިސް ނުދީ ވަކިކުރުމުން 42،000 ޑޮލަރު ހޯދަން މިފްކޯގެ ކުރީގެ ސީއީއޯ ޓްރައިބިއުނަލަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑރ. ވިޓާލީ ލިއުބިމޯވް: މިފްކޯގެ ސީއީއޯ ކަމުން ނޯޓިސް ނުދީ ވަކިކުރުމުން ޓްރައިބިއުނަލަށް ވަނީ މައްސަލަ ހުށަހަޅާފައި / ފޮޓޯ:މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ ކަމަށް އައްޔަންކުރި ޑރ. ވިޓާލީ ލިއުބިމޯވް އެ މަގާމުން ނޯޓިސް ދިނުމަކާ ނުލައި ވަކި ކުރި ކަމަށް ބުނެ އެކަމުގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރަ ނަގައިދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

Ads by STELCO

ވިޓާލީއަކީ މިފްކޯގެ ތާރީހުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ރާއްޖޭން ބޭރުގެ ސީއީއޯ އެވެ. މަގާމަށް އައްޔަން ކުރިތާ ތިން މަސް ދުވަސް ފަހުން އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މަގާމުން ވަކިކުރިއިރު ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭން ޖެހޭ ތިން މަސް ދުވަހުގެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުލިބޭ ކަމަށް ބުނެ މިފްކޯ އާ ދެކޮޅަށް ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.

ވިޓާލީ ހުށަހެޅި މައްސަލައިގައި ވަނީ މަގާމުން ވަކިކޮށްފައި ވަނީ ދޭން ޖެހޭ ނޯޓިސް ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރަ ދިނުމެއް ނެތި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެ ތިން މަހުގެ މުސާރައަށްވާ 42،000 ޑޮލަރު (647،640 ރުފިޔާ) ނަގައިދިނުމަށް އެދިފައިވެ އެވެ.

މައްސަލަ އާ ގުޅިގެން މިފްކޯއިން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅާފަ އެވެ. މިފްކޯއިން ވަނީ ކުންފުނީގެ ގާނޫނުގެ ދަށުން އައްޔަންކުރާ ޑިރެކްޓަރުން ނުވަތަ މެނޭޖިން ޑިރެކްޓަރުންގެ މަގާމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯ އަދި އެ ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ބެލުމުގެ އިހުތިސާސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ ސުވާލު އުފައްދާފަ އެވެ.

މައްސަލައިގައި ދެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ވެފައިވާ އެއްބަސްވުމަށް ބަލައި ނިންމި ނިންމުމުގައި ޓްރައިބިއުނަލުން ބުނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މިފްކޯއިން ސީއީއޯގެ މަގާމަށް ވިޓާލީ އައްޔަންކުރުމަށްފަހު މަގާމުގެ އެއްބަސްވުމެއްގައި އެ ކުންފުނިން އޭނާ އާއެކު ސޮއިކޮށްފައިވާ އޮންނަކަން އެނގެން އޮންނަ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ އެކު ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ ހާލަތްތަކެއް ބަޔާންކޮށްފައި ވިނަމަވެސް މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ އާ ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށް ޓްރައިބިއުނަލުން ބުނެ އެވެ.

އެހެންކަމުން ވިޓާލީ ހުށަހެޅި މައްސަލައަކީ އެ ޓްރައިބިއުނަލުން ބަލައިގަނެ، މައްސަލަ އާ މެދު ގޮތް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމުގައި ވަނީ ނިންމާފަ އެވެ. އަދި މައްސަލައިގައި ޖަވާބުދާރީވާން މިފްކޯއަށް ވަނީ އަމުރުކޮށްފަ އެވެ.

ޓްރައިބިއުނަލަށް ވިޓާލީ މައްސަލަ ހުށަހެޅުއްވިއިރު، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން މިދިޔަ މާޗް މަހު އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ވިދާޅުވެ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު ހުށަހެޅި މައްސަލަ ޓްރައިބިއުނަލުން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބާތިލުކޮށްފަ އެވެ. މައްސަލަ ބާތިލުކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށް ވެފައި، އެ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތަކަށް ނުވާތީވެ ތަރުޖަމާނަކު ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

މައްސަލަ އާ ގުޅިގެން ޑީބީއެމުން ބުނެފައިވާ ގޮތުގައި ނޮއެލް އިސްތިއުފާ ހުށަހެޅުއްވި ތާރީހާ ހަމައަށް ހައްގުވާ މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގަ އެވެ. އެހެންކަމުން ސީއީއޯގެ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ އެ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަަމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!