ޚަބަރު

ފްލެޓު ގެއްލުނު މީހުންގެ މައްސަލައިގައި އައިކޮމްގެ ނިންމުމުގައި ފުށުއެރުން ހުރުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެޗްއާރުސީއެމްގެ މެމްބަރުން ބައްދަލުވުމެއްގައި / ފޮޓޯ:އެޗްއާރުސީއެމް

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ މަޝްރޫއު" އާ ގުޅިގެން ފްލެޓު ގެއްލުނު ފަރާތްތަކުގެ ހައްގު ހޯދުމަށް މަސައްކަތް ކުރަމުންދާ ފަހި ޔޫނިއަނުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަައިގައި ނިންމި ނިންމުމާއި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރި ނިންމުމުގައި ފުށުއެރުންތައް ހުރުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by STELCO

އެޗްއާރުސީއެމުން އެކަން ފާހަގަކޮށްފައި ވަނީ ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއެކު އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ލިޔެކިއުންތައް ހޯދުމަށާއި ލިސްޓު ބާތިލު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި ވާހަކައިގެ ލިޔުން އެ ކޮމިޝަނުގެ ފަރާތުން ހޯދައިދިނުމަށް ފަހި ޔޫނިއަނުން އައިކޮމްއަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައި އެ ކޮމިޝަނުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅި ކަމުގައި ބުނެ، މީޑިއާގައި ދައުރުވަމުންދާ ހަބަރަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގަ އެވެ.

އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނީ ފަހި ޔޫނިއަން ވ. އެޗްއާރުސީއެމް މައްސަލައިގެ ނިންމުން އިއުލާނު ކުރުމަށް މިދިޔަ މަހުގެ 28 ގައި ބޭއްވި ބައްދަލުވުމުގައި މައްސަލަ ނިންމާފައި ވަނީ، "...މަތީގައި ހަވާލާދެވިފައިވާ އިލްތިމާސް އާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިއުންތަކާއި އިލްތިމާސް ބެލުމަށް ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މައުލޫމާތު ހޯދުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ އިދާރާއިން ފޯރުކޮށްދީފައިވާ މައުލޫމާތުގެ ތެރެއިން، މައުލޫމާތަށް އެދުނު ފަރާތުން ހިތްހަމަނުޖެހޭ ކަމަށް އިލްތިމާސްގައި ފާހަގަކޮށްފައިވާ މައުލޫމާތު ހުށަހެޅުމުގައި ހޯދަން އެދިފައިވާ މިންވަރަށް އެ އިދާރާއިން ދޫކޮށްފައިވާ ކަމަށް ކަނޑައަޅާ މި އިލްތިމާސް ބަލާ ނިންމައިފީމެވެ." ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ އައިކޮމުން އެ މައްސަލަ އާ ގުޅިގެން ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އެޕްރީލު 17 ގައި ކަމަށެވެ. މައްސަލަ ނިންމުމުގެ ބައްދަލުވުން ބޭއްވީ އެޕްރީލު 28 ގައި ކަމަށްވާއިރު، އެ ކޮމިޝަނާ ލިޔުމުން ހިއްސާކޮށްފައިވާ ނިންމުމުގައި ތާރީހެއް ކަމަށް ލިޔެފައި ވަނީ އެޕްރީލު 24 ކަމަށެވެ.

އެ ނިންމުން ކޮމިޝަނާ ލިޔުމުން ހިއްސާކުރީ ބައްދަލުވުން ބޭއްވިތާ 26 ދުވަސް ފަހުން، މިދިޔަ އާދިއްތަ ދުވަހު ކަން އެޗްއާރުސީއެމުން ފާހަގަކުރި އެވެ. މައްސަލަ ނިންމަން ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރާ ހަވާލާދީ އެ އޮފީހުން ހުށަހެޅި ނިންމުމާއި އެ ކޮމިޝަނާ ލިޔުމުން ހިއްސާކޮށްފައިވާ ނިންމުމުގައި ބޮޑެތި ފުށުއެރުންތައް ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރި ނިންމުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ކޮމިޝަނުން އަމަލުކޮށްފައި ނުވާ ކަމަށާއި އެ ގާނޫނާ ކޮމިޝަނުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވާ ކަމުގަ އެވެ. އެ ސަބަބާ ހުރެ، "ހޯދުމަށް އެދިފައިވާ މައުލޫމާތުގެ ތެރެއިން، ކޮމިޝަނާއި މިނިސްޓްރީން މި މަޝްރޫއު އާއި ބެހޭގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ބަދަލުކޮށްފައިވާ ލިޔެކިއުންތައް، އިދާރާގައި ހުރިކަން ނުވަތަ ނެތްކަން ލިޔުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް އަންގާ" ކަމުގައި ބަޔާންކޮށްފައިވާ ކަމުގަ އެވެ.

އެ އެންގުމަކީ އެޕްރީލު 28 ގައި މައްސަލަ ނިންމިއިރު އިއްވި ނިންމުމުގައި ހިމެނޭ ބައެއް ނޫން ކަމުގައި އެ ކޮމިޝަނުން ފާހަގަކުރި އެވެ. އެޗްއާރުސީއެމުން ބުނީ:

  • ނިންމުން ނިންމި ތާރީހުގައި ނިންމުމާ ގުޅޭ އެއްވެސް ލިޔުމެއް އައިކޮމްގެ ފަރާތުން ލިބިފައި ނުވާ ކަމަށް
  • ނިންމުމުގައި ކޮމިޝަނުން އިތުރަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެއް ބަޔާންކޮށްފައި ނުވުން
  • ނިންމުން ލިޔުމުން ހިއްސާކުރީ މައްސަލަ ނިންމިތާ 26 ދުވަސް ފަހުން ކަމުން މައްސަލައިގެ ނިންމުމުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށް ދީފައިވާ ފަސް ދުވަހުގެ މުއްދަތު ފަހަނައަޅާފައިވުން

އެޗްއާރުސީއެމުން ބުނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިދިޔަ އަހަރުގެ އޮގަސްޓު 17 ގައި ފަހި ޔޫނިއަނުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިފައިވާ މައުލޫމާތަކީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅުންހުރި ލިޔެކިއުންތަކެއް ކަމަށް އެ ފަރާތަށް އަންގާފައިވާ ކަމަށެވެ. އަދި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިމުމުން ޖަވާބު ދޭނެކަން ބަޔާންކޮށް މިދިޔަ ސެޕްޓެމްބަރު 3 ގައި ފަހި ޔޫނިއަނަށް ޖަވާބު ދީފައިވާނެކަން ފާހަގަކުރި އެވެ.

ނިންމުން މުރާޖައާ ކުރަން އެދި ހުށަހެޅުމުން، އޮކްޓޫބަރު 8 ގައި މުރާޖައާ ކޮމިޓީން އެ ޔޫނިއަނަށް ދީފައިވާ ޖަވާބުގައި އިންފޮމޭޝަން އޮފިސަރު ދީފައިވާ މައުލޫމާތު ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި މައްސަލަ އާ ގުޅޭ އިތުރު މައުލޫމާތު އަދި މަޝްރޫއުގެ ދަށުން ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ ލިސްޓު ބާތިލުކޮށް، އަލުން އިއުލާނު ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން އެ ކޮމިޝަނަށް ދީފައިވާކަން ބަޔާންކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ކޮމިޝަނުން ނެރެފައިވާ "ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އާ ގުޅޭ" ނޫސް ބަޔާނުގައި ހިމަނާފައިވާކަން ފަހި ޔޫނިއަނަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިމުމުން، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މިދިޔަ ނޮވެމްބަރު 9 ގައި ފަހި ޔޫނިއަނާ ހިއްސާކޮށްފައިވާކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި ހަވާލާދީފައިވާ ދެ ޖަވާބުން ވެސް އެދިފައިވާ މައުލޫމާތުތަކަކީ ކޮމިޝަނުގައި ހުރި މައުލޫމާތުތަކެއްކަން ދޭހަވާ ކަމުގަ އެވެ. އަދި އައިކޮމްގެ މައްސަލައިގެ ނިންމުމުގައި ފަހި ޔޫނިއަނުން ހިތްހަމަނުޖެހޭ ކަމަށް ފާހަގަކޮށްފައި ވިނަމަވެސް، އެ ހުށަހެޅުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖަވާބު ދޭން ޖެހޭ މިންވަރަށް އެ ކޮމިޝަނުން ޖަވާބު ދީފައިވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވާ ކަމުގަ އެވެ.

އިތުރަށް ބުނީ:

  • ފަހި ޔޫނިއަނަށް ޖަވާބު ދިނީ މައުލޫމާތަށް އެދި ހުށަހެޅުމުން ގާނޫނުން އެ ކަމަށް އިޖާބަ ދިނުމުގައި އަމަލު ކުރެވިދާނެ ގޮތަށް ބެލުމަށް ފަހު
  • އެދުނު މައުލޫމާތު ދޫކުރެވެން ނެތް ސަބަބު އެ ފަރާތަށް ދިން ޖަވާބުގައި ބަޔާންކުރި
  • އިލްތިމާސް އާ ގުޅިގެން އައިކޮމްއިން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޖަވާބު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ތަފުސީލުކޮށް ސާފުކޮށްދިން
  • އައިކޮމްއިން ނިންމި ނިންމުމާއި ލިޔުމުން ހިއްސާކުރި ނިންމުމުގައި ފުށުއެރުންތައް ހުރުމުން ކަންބޮޑުވުންތައް އެ އޮފީހާ ހިއްސާކުރި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ކުރިއަރުވާ އާންމުންގެ މެދުގައި ގާނޫނަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެ ކޮމިޝަނުން އެކަމަށް އަހަންމިއްޔަތުކަންދީ އެކަމަށް މަސައްކަތްކުރާ ކަމެއް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ހަބަރާއި މައުލޫމާތު ފެތުރުމުގައި އެ ހަބަރެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ހަބަރު ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ފާހަގަކޮށް އެ ކޮމިޝަނަށް ރައްދުވި ހަބަރާ ގުޅޭގޮތުން ކޮމިޝަނުގެ ބަހެއް ހޯދުމަކާ ނުލައި ހަބަރު އާންމު ކުރުމުން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!