ގަވާއިދާ ހިލާފަށް އުޅުނު 35 ބިދޭސީން އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 35 ބިދޭސީން ހައްޔަރުކޮށްފި އެވެ.
ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ދަށުން އިއްޔެ ވަނީ އެފަދަ މީހުން އާންމުކޮށް އެއްވެ އުޅޭ ދެ ސަރަހައްދެއްގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުން ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިން ސަރަހައްދުގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 121 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 35 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފަ އެވެ.
ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް ތިން އަހަރުގެ ތެރޭ ޖުމްލަ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.