ވުޒާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން އީދު ހަވީރެއް

މި ފެށޭ ބޮޑު އީދުގެ މުނާސަބަތަ ގުޅިގެން ވުޒާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި އީދު ފާހަގަކޮށް އުފާ ފާޅުކުރުމަށް، ގްރޭޓާ މާލެ ސަރަހައްދުގައި އީދު ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އެ ހަރަކާތް އިންތިޒާމް ކުރަ އެމްއެންޑީއެފްއިން މިއަދު ބުނީ އީދު ހަވީރުގެ އެ ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ކުރިއަށްގެންދާނެ ކަމަށެވެ. އެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ވެސް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ.
އެގޮތުން އެ ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލައި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ޢީދު ހަވީރުގައި އެމްއެންޑީއެފްގެ ފަރާތުން ވެސް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެެވެ.
އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.
