ޚަބަރު

ކުޅުދުއްފުށީ ކައުންސިލްއިން ފެނަކައާ ދެކޮޅަށް ދައުވާކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުން - ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ފެނަކައާ އެ ސިޓީގެ ކައުންސިލްއާ ދެމެދު އެއްބަސްވުމަކަށް ނާދެވި ފެނަކައާ ދެކޮޅަށް ދައުވާކުރަން އެ ސިޓީގެ ކައުންސިލްއިން މިއަދު ބޭއްވި ޖަލްސާގައި ނިންމައިފި އެވެ.

Ads by MPL

ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް ކުޅުދުއްފުށީ ކައުންސިލްއިން ފާހަގަކުރި ގޮތުގައި ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ސިޓީ ކައުންސިލުން ނެވެ.

އަދި ތިންވަނަ ފަރާތަކުން  ސިޓީއެއްގައި އެ ހިދުމަތް ފޯރުކޮށްދެވޭނީ ކައުންސިލްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިރުވެސް އެފަދަ އެއްބަސަވުމަކަށް ދާން ފެނަކައިން އިންކާރުކުރަމުންދާ ކަމަށް ކައުންސިލްއިން ބުންޏެވެ.

އެހެންވެ  ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ވާޖިބު އަދާކޮށް، އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލައިގައި ފެނަކައިން ކައުންސިލްއަށް ފޮނުވި ޖަވާބުގައި ބުނީ ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށްވާތީ، ލާމަރުލަޒީ ގާނޫނުގައި ބުނާ ފަދަ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށެވެ

ްަރައްދުގައި ކައުންސިލްއިން ފޮނުވި ސިޓީގައި ބުނި ފެނައަކީ ގާނޫނުގައި ބުނާފަދަ ތިން ވަނަ ފަރާތެއް ކަމަށާއި  ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ މި ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމަށެވެ.

ކައުންސިލްއިން ފަހުން ފޮނުވި ސިޓީއަށް ފެނަކައިން އެއްވެސް ޖަވާބެއް ނުދޭ ކަމަށް ކައުންސިލްއިން ބުންޏެވެ.