މޯލްޑިވިއަން ފްލީޓަށް 5 ވަނަ އޭޓީއާރު އިތުރުކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރު މަތިންދާބޯޓު އިތުރުކޮށްފި އެވެ.
އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ އިއްޔެ ހަވީރު 4:00 ގަ އެވެ.
އާ މަތިންދާ ބޯޓު ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއޭއައިއޭ) ގައި އިއްޔެ ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު އެ ހަފްލާގައި ޓޫރިޒަމް އަދި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް އާއި، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން ބުނީ އެ ބޯޓު އިތުރުކުރުމާއެކު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އައު މަތިންދާބޯޓު އިތުރުކުރުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތައް އިތުރުވެ، ރައްޔިތުންނާއި ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މި ވަގުތު 25 މަތިންދާބޯޓެއް ހިމެނެ އެވެ.
