އިންޑިއާގެ މަނަވަރެއް ރާއްޖޭގައި

ދިވެހި ކޯސްޓްގާޑާއެކު ހިންގާ މެރިޓައިމް ޕެޓްރޯލަކަށް އިންޑިއާ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
މިއީ އިންޑިއާގެ ނޭވީއާ ގުޅިގެން ސިލްސިލާކޮށް ހިންގާ ޖޮއިންޓް މެރިޓައިމް ސާވައިލަންސް ޕެޓްރޯލެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވެއެވެ.
އެޕެޓްރޯލް ކުރިއަށް ގެންދިޔުމަށް އައިސްފައި ވަނީ އިންޑިއާގެ އައިއެންއެސް ސުނަންޔާ މަނަވަރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ބުނެފައިވަނީ އެޕެޓްރޯލު ކުރިއަށް ދާނީ މިހިނގާ ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު 4 ގެ ނިޔަލަށް ކަމަށެވެ.
އިންޑިއާއާއި ގުޅިގެން މިފަދަ ހަރަކާތްތައް ކުރިން ވެސް ދިވެހި ސިފައިން ހިންގަމުން އަންނައިރު ދާދި ފަހުން އެޤައުމުގެ ދެ އަސްކަރީ މަތިންދާބޯޓެއް ވެސް ވަނީ ރާއްޖެ ސިފައިންނާ ގުޅިގެން ހިންގާ ހަރަކާތަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ.
އިންޑިއާގެ ސިފައިން މިފަދައިން ރާއްޖެ އައުމުން ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިއީ އެޤައުމުން ރާއްޖޭގައި ބާރުގަދަ ކުރުމަށް ކުރާ ކަމެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ދެކެއެވެ.