ޚަބަރު ވިޔަފާރި

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރުކަން ބޮލީވުޑްގެ ތަރި ކެޓްރީނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ހަމަޖެއްސި ލައިފް ސްޓައިލް އައިކަން އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ލައިފް ސްޓައިލް އައިކަން އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ހަމަޖައްސައި އެކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނުކޮށްފި އެވެ.

Ads by MPL

ކެޓްރީނާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އައިކަން އެކެވެ. ބްލޮކްބާސްޓާ ގިނަ ފިލްމުތަކާއި ޝަރަފުވެރި އެތައް އެވޯޑަކާ އެކު އޭނާއަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކުރެވޭ ފަންނާނެކެވެ. އޭގެ އިތުރުން ކެޓްރީނާ ވަނީ ވިިިޔަފާރީގެ ދާއިރާގައި ވެސް އޭނާގެ ހުނަރުވެރިކަން ދައްކުވައިދީ، އެ ދާއިރާއިން އެވޯޑުތައް ހާސިލުކޮށްފަ އެވެ. ފޯބްސް އައިކަން އެކްސެލެންސްގެ ޝަރަފު ހޯދާފައިވާ ކެޓްރީނާގެ ނުފޫޒު އެކި ބައްރުތަކުގެ ސިނާއަތްތަކަށް ވަނީ ފެތުރިފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ކެޓްރީނާ އާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ކުރާނީ ސަމާ ސޭލް ކެމްޕެއިނާ ގުޅިގެން ކަމަށެވެ. މި ކެމްޕެއިނަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތި ކަމާއި ކަނޑުގެ ދިރުންތަކާ އަދި ހާއްސަ ތަޖުރިބާތައް ދެނެގަތުމަށް ބާރުއަޅައި، މި ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށެވެ.

ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި އޭނާގެ އާ ދައުރާ ގުޅޭގޮތުން ކެޓްރީނާ ބުނި ގޮތުގައި ރާއްޖެއަކީ ގުދުރަތީ ރީތި ކަމުގެ އެންމެ މަތީ ދަރަޖަ ލިބިފައިވާ ގައުމު ކަމުގަ އެވެ. ރީތި ކަމާއި ހަމަޖެހުން އެއްވާ ގައުމެއް ތަމްސީލު ކުރުމުގެ ޝަރަފު ލިބުމުން އެކަމާ މެދު އޭނާ ފަހުުރުވެރިވާ ކަމުގަ އެވެ.

ކެޓްރީނާ ބުނީ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނާ ހަމައަށް ރާއްޖެއިން ތަޖުރިބާކުރަން ލިބޭ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިއުރީ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ހޯދާފައިވާ "ސަނީ ސައިޑް އޮފް ލައިފް" ގެ ރަމްޒަކަށް ކެޓްރީނާއަކީ ވަރަށް އެކަށީގެންވާ ފަރާތެއް ފަރާތެއް ކަމަށެވެ. އެގޮތުން ކެޓްރީނާގެ ޝަހުސިއްޔަތާއި އެކި ގައުމުތަކުގައި ދިރިއުޅެމުން އަންނަ އޭނާއަށް ތާއީދުކުރާ ފަރާތްތަކާ އެކު އޮންނަ ވަރުގަދަ ގުޅުން ފާހަގަކުރެއްވި އެވެ. ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ސަމާ ސޭލްގެ މަަސައްކަތް ފަށާއިރު، އެކަމުގެ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ސަމާ ސޭލް ކެމްޕެއިނުގައި ރާއްޖޭގެ ލަގްރަޒީ ރިސޯޓުތަކާއި ބުޓީކް ގެސްޓްހައުސްތަކާ އަދި އާއިލާތައް އެކުގައި ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ރަނގަޅު ތަންތަން އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕެއިން އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ބޮޑެތި މާކެޓުތަކުގައި ކުރިއަށް ގެންދާނެ އެވެ.

މި ކެމްޕެއިނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، މި އަހަރުގެ ހޫނު މޫސުމާއި އަަހަރުގެ ކުރިއަށް އޮތް މަސްތަކުގައި ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަަދަދު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

Ads by Ooredoo