ޚަބަރު

ލިވަޕޫލާއެކު ރާއްޖެ މާކެޓުކުރުމުގެ ގިނަ ކަންކަން އަދި އޮތީ: އެމްއެމްޕީއާރުސީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ރަސްމީކޮށް ރައީސް އިފުތިތާހު ކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

ރާއްޖެ އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ)އާއެކު ކުރިއަށް ގެންދާ ކޮލެބްރޭޝަންގެ ދަށުން ގިނަ ކަންކަން އަދި އޮތީ އަންނަން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވިދާޅުވީ ލިވަޕޫލްއަކީ ފުޓްބޯޅައިގައި 100 އަހަރަށް ވުރެވެސް ގަދަ ބާރެއް ކަމަށާއި އެހެންކަމުން ލިވަޕޫލްއަކީ ވަރުގަދަ ޕްރިމިއަމް ބްރޭންޑެއްވެސް ކަމަށެވެ.

ހަމަ އެހެން ރާއްޖެއަކީ ވެސް ޕްރިއަމް ބްރޭންޑެއްކަން ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ ދެ ޕްރިމިއަމް ބްރޭންޑް ކޮލެބްރޭޓް ކުރަން މިހާރު ފަށާފައިވާ އިރު ކުރިއަށް އޮތް ތަނުގައި އަދި ރަނގަޅު ކަންތައްތައް ފެނިގެންދާނެ ކަމަށެވެ.

"ކޮލެބްރޭޝަންގެ ރަނގަޅަށް އަދި ގިނަ ކަންތައްތައް އަންނަން އޮތީ." ޝިއުރީ ވިދާޅުވި އެވެ.

އެގޮތުން ލިވަޕޫލްގެ ހައި ލެވެލް ޓީމެއް ރާއްޖެ ޒިޔާރަތްކޮށް ރާއްޖޭގެ ގިނަ ކަންކަން އޮތީ ކިހިނެއްތޯ ބަލައި އެ ކޮލެބްރޭޝަންގެ ދަށުން ރާއްޖެއިން ހާސިލުކުރަން ބޭނުންވަނީ ކޮން ކަންތަކެއްތޯ ބަލާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގައި ހުރި ވަސީލަތްތައް ވެސް ލިވަޕޫލްގެ ބޭފުޅުންނަށް ދައްކައި ރާއްޖޭގައި ހުރި ދަނޑުތައްވެސް ގާތުން ބަލައި ރާއްޖެއަކީވެސް ކޮންކަހަލަ ބައެއްކަންވެސް ބަލައި އަންޑަސްޓޭންޑްވާ ކަހަލަ ދިރާސާއެއް ވެސް ހަދައި ރަނގަޅު ގުޅުމެއް ފައްކާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި މި ކޮލެބްރޭޝަންގެ ދަށުން ކާމިޔާބު ވަރަށް ގިނަ ކެމްޕޭންތަކެއް ކުރިއަށް ގެންދެވޭނެ" ޝިއުރީ ވިދާޅުވި އެވެ.

އެގޮތުން މި މަހު ފުޑްފެސްޓިވަލްއެއް ބާއްވައި ލިވަޕޫލްގެ ލެޖެންޑެއްވެސް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ރަސްމީކޮށް ފެށީ މިދިޔަ އޭޕްރީލް މަހު އެވެ.

Ads by Allied Insurance