ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ

މިދިޔަ ހޯމަ ދުވަހު މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފި އެވެ.
ފަރީދުގެ ހަނދާނުގައި ބަނގުލަދޭޝްގައި މިސްކިތެއް އަޅަން ހިދުމަތް ޖަމިއްޔާއިން ނިންމައި އެކަމަށް ޑޮނޭޓްކުުރުމުގެ ފުރުސަތު މިއަދު ހުޅުވާލައި އެކަމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ މިއަދު އޮތީ ހަމަވެސްކޮށްފަ އެވެ.
އެހެން ނަމަވެސް އަދިވެސް އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ އާއި އިތުރަށް ފަންޑް ލިބެމުންދާކަމަށް ހިދުމަތް ޖަމިއްޔާއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެހެންވެ ޝައިހު ފަރީދުގެ ހަނދާނުގައި މިސްކިތެއް ރާއްޖޭގައިވެސް ބިނާކުރުމަށް މިހާރު ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"މިކަމަށްޓަކައި ހޭދަކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އަދިވެސް އެ ފުުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވާލަމެވެ. އެހީތެރިވެދެއްވަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް
ޚިދުމަތް މިސްކިތު ފަންޑު - 7770000141496" ހިދުމަތް ޖަމިއްޔާއިން ފޭސްބުކުގައި ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އުމުރުފުޅުން 53 އަހަރުގައި ފަރީދު އަވަހާރަވީ ދީނީ ދައުވަތާ ގުޅުންހުރި ކަމެއްގައި މެލޭޝިއާއަށް ކުރެއްވި ދަތުރުގައި މިދިޔަ ހޯމަ ދުވަހު ހަވީރު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހާލު ދެރަވެގެންނެވެ.
މެލޭޝިއާގައި ފަރީދުގެ ޖަނާޒާ ބޭއްވީ މިއަދު އެވެ.
ދީނީ ދަރުސްތައް ގިނަ ގިނައިން ދެއްވާ ފަރީދަކީ ދިވެހީންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރި އެކެވެ.
ފަރީދަކީ ވަރަށް ރީއްޗަށް ޤުރުއާން ވެސް ވިދާޅުވާ ބޭފުޅެކެވެ.
