ހުރިހާ ސްކޫލެއް ޖެނުއަރީއަށް އޭސީކޮށް ނިންމަނީ

ސަރުކާރު ސްކޫލުތައް އޭސީ ކުރުމަަށް މިދިޔަ އަހަރުގެ ޖޫން މަހު ފެށި “ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަސް އަންނަންވާއިރަށް ހުރިހާ ސްކޫލެއްގައި އޭސީކޮށް ނިންމަން އަމާޒު ހިފައިފި އެވެ.
“ކޫލް ސްކޫލް ޕްރޮޖެކްޓް” ގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ޕްރޮޖެކްޓް ފުރަތަމަ އެކުލަވާލީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި ކަމަށެވެ.
އެހެން ނަމަވެސް އެ މަޝްރޫއު ވީހާވެސް އަވަހަށް ނިންމައި ދިނުމަށް ދަރިވަރުންނާއި ބެލެނިވެރިން ވެސް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަ އަހަރު ޖެނުއަރީން ދިރާސީ އަހަރު ފަށްޓަންވާއިރަށް އިރާދަކުރެއްވިއްޔާމު އަޅުގަނޑު ހިތެއް ނުބުނޭ އެއްވެސް ކްލާސް ރޫމެއް ހުންނާނެޔެކޭ އޭސީ ނުކުރެވި" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ނިޔަލަށް 401 ކްލާސް ރޫމުގައި އޭސީ ހަރުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
