ޚަބަރު

މާލޭގެ ތޮއްޖެހުން މަދުކުރުމަށް ޕްލޭނެއް އެކުލަވާލަނީ

. ، ދެން އޮންލައިން
މަޖީދީމަގު / ފޮޓޯ:ދެން އިމޭޖްސް

މާލެ ސިޓީގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އާޒިމް އެހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި، މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މޭޔާސް ފޯރަމްގެ ފަޔާ ޗެޓް ސެޝަންގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކާބަން މަދުކުރުމަށް، ހަކަތައިގެ ނުވަތަ ދަތުރުފަތުރުގެ އިސްލާހުތަކުން ފެށިގެން އައްސޭރިފަށް ހިމާޔަތްކުރުމާއި މާލެ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް ފެށުމުގެ މަރުހަލާގައި ވިނަމަވެސް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ މަސައްކަތުން ކުރިއެރުންތައް ހާސިލުކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ފެށީ، އަޅުގަނޑުމެންގެ މަގުތައް ބާރުވެފައިވާ މިންވަރު ދެނެގަތުމުން. އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއެކު އަޅުގަނޑުމެން ފަހުން ހެދި ދިރާސާއަކުން ދެނެގަނެވުނީ، ގިނަ ރައްޔިތުން މިހާރު ވެސް އިހްސާސްކުރާ ކަމެކެވެ. - އެއީ މާލޭގެ އިންފްރާސްޓްރަކްޗާއަށް އެކަށީގެންނުވާ ވަރަށް ވުރެ ގިނަ އުޅަނދުތައް ހުރިކަން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން ކަމަށާއި އެއީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"މިކަމުން ވައިގެ ތަގައްޔަރުކަން އިތުރުވެ، މަގުމަތީގެ ހާދިސާތައް ގިނަވެ އަދި މީހުންގެ ވަގުތާއި އާމްދަނީ ނެތިދޭ،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން މާލޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް މޭޔަރު އާޒިމުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ، އެ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސިޓީ ކައުންސިލަށް ލިބިފައިވަނީ ވަރަށް ކުޑަ ބާރެއް ކަމަށާއި އެހެންނަމަވެސް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށެވެ.

Ads by Ooredoo