އުއްތަމަ ފަނޑިޔާރަށް ރިޓަޔަމަންޓުގެ ގޮތުގައި މަހަކު 70,000 ދޭން އެދިއްޖެ

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރިޓަޔަމަންޓް ޕެކޭޖުގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެދިއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ހުށަހެޅުއްވީ މިދިޔަ މޭ މަހު ކުރީކޮޅު އެވެ. އަދި މުއުތަސިމްގެ ރިޓަޔާމަންޓްގެ ކަންކަން ހިނގަމުންދާ އިރު ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރަށް ލިބޭ ރިޓަޔަމަންޓް ޕެކޭޖު ބޮޑުކުރެވޭ ގޮތެއް އިސްލާހުތަކެއް ގެންނަން ބޭނުންވާކަން ހާމަކޮށް މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ ސިޓީގައި ވަނީ އުއްތަމަ ފަނޑިޔާރަށް ލިބޭ ރިޓަަޔަމަންޓް ޕެކޭޖުގެ ތެރެއިން ގަނޑުކޮށް އެއްފަހަރާ ލިބޭ ފައިސާގެ އަދަދު އަދި މަހަކު ލިބޭ އެލަވަންސް 70,000 ރުފިޔާއަށް ބޮޑުކުރަން އެދިފަ އެވެ.
އެގޮތަށް މަޖިލީހުން ނިންމައިފިނަމަ މުއުތަސިމްއަށް އެއްފަހަރާ ލިބޭ ފައިސާގެ އަދަދު ބައި މިލިއަނެއްހާ ރުފިޔާއަށް އަރާނެ އެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ޕީއެންސީގެ މެމްބަރުން ހުށަހެޅުމަށް ތާއިދުކުރި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ަައަދި މިއީ އުއްތަމަ ފަނޑިޔާރާއެކު ސަރުކާރުން ހެދި ޑީލެއްގެ ތެރެއިން ހުށަހެޅި ހުށަހެޅުމެއް ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ސިފަކޮށްފަ އެވެ.
މުއުތަސިމް ރިޓަޔާކުރައްވަން ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އޮތީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ސަސްޕެންޑްކުރި ހުސްނުއް ސުއޫދު ފަހުން މަގާމުން އިސްތިއުފާ ދެއްވި އިރު މަޖިލީހުން ފަހުން ވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކޮށްފަ އެވެ.
