ޔުމްނު ވެއްޓުނު ތަނަށް ވަޑައިގަތުމަކީ އިހުސާނުގެ މަސްއޫލިއްޔަތެއް ނޫން: ކޮމިޝަން

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ކުށުގެ ވެއްޓަށް ވެއްޓުނު ތަނަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަޑައިގެންނެވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
މިއަދު އާންމުކުރި އިންކުއަރީ ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީއަށް މިނިސްޓަރު އިހުސާން ޒިޔާރަތް ކުރައްވައި، ފޮޓޯ ނަންގަވައި، ސީން އޮތް ގޮތް ބެއްލެވުމުގައި ފުލުހުންނާ އެކު ހަރަކާތްތެެރިވެ ވަޑައިގެންފައިވާ ކަމަށެެވެ.
އެހެންނަމަވެސް ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނަށް ރިއާޔަތްކޮށް އިންކުއަރީ ރިޕޯޓުގައި ބުނީ ފުލުހުންގެ ހިދުމަތުގައި މިނިސްޓަރުގެ ދައުރަކީ އެ ހިދުމަތް ދިނުމުގައި އެންމެހާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން އެ ހިދުމަތަށް ބޭނުންވާ ސްޓްރެޓެޖިކް ޕޮލިސިން ރިކުއަޔާމަންޓާއި އެކިއެކި އާންމު ސިޔާސަތުތަކާއި ދޭ އާންމު އިރުޝާދުތަކާއި ކަނޑައަޅާ މިންގަނޑުތަކާއި ހަމަތައް އެކަށައެޅުން ކަމަށެވެ.
އެހެންކަމުން މައްސަލަ އާ ގުޅޭ ކުށުގެ ވެއްޓަށް ސީދާ މިނިސްޓަރު ވަޑައިގަންނަވައި، އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސީދާ ހިމެނޭ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް މައްސަލައެއްގެ ކުށުގެ ވެއްޓަށް ހާޒިރުވުމާއި މައްސަލައެއްގައި ގާތުން މަސައްކަތްކުރުން ފަދަ ކަމެއް ކުރަން މިނިސްޓަރު އެދޭ ނަމަ، އެކަމުގައި އަމަލުކުރާނެ އިޖުރާތްތައް ކަނޑައެޅިފައި އޮތުން މުހިންމު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިންކުއަރީ ރިޕޯޓުގައި އެ މައްސަލަ އާ ގުޅޭ ލައިވް ޕްރެސް ކޮންފަރެންސްއެއް ކުރިއަށް ދަނިކޮށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން, އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއަށް ގުޅުއްވިކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ އަމީން ގުޅުއްވީ އެ މައްސަލައިގައި އޭނާ ދިރިއުޅުއްވާ ގެ ފާސްކުރަން އަމުރެއް ބޭނުން ނުވާކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ދަނިކޮށް އަމީން, ޝުޖާއު އާ ގުޅުއްވައި މައްސަލަ އާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ބުންޏެވެ.
ނަމަވެސް އެ ފޯނު ކޯލާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
