މާލޭގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ހަރަދުވޭ: ސިޓީ ކައުންސިލް

މާލެ ސިޓީގައި ދިރިއުޅޭ އާންމުން މަގުތަކަށް އުކާފައި ހުންނަ ކުނި ނަގައި، އެ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ އާންމުންގެ ވިސްނުމަށް ގެންނަ ކުޑަކުޑަ ބަދަލަކާ އެކު، މަގުތަކަށް ކުނި އެޅުން ހުއްޓާލައިފި ނަމަ، އެ 60 މިލިއަން ރުފިޔާއިން މާލޭގެ ޕާކުތަކާއި މައިޒާންތަކާ އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް، މިހާރަށް ވުރެ ބޮޑަށް ކުރަމުންދާތަން ފެންނާނެ ކަމަށެވެ. އެފަދަ ކަންކަމުން ހިތްހަމަޖެހުން ލިބޭނީ އާންމުންނަށް ކަމުގައި ފާހަގަކުރި އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތުގައި މާލޭގެ މަގުތަކުން ދުވާލަކަށް، 30 ޓަނުގެ ކުނި މިހާރު ނަގަމުންދާ ކަމުގަ އެވެ.
މާލޭގައި ދިރިއުޅޭ އާންމުންނަށް ރީތި އަދި ސާފު ވެއްޓެއް ހޯދައިދިނުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ، މާލޭގެ މަގުތަކަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އާޒިމް ވިދާޅުވީ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ ފޮށިތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން އަދިވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އެ ކަންކަން އެގޮތަށް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހާ އާންމުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"މާލޭގެ މަގުތަކަށް ކުނި ނޭޅުއްވުމަށް މާލޭގެ ރައްޔިތުންގެ އަރިހުން އާދޭހާ އެކު އެދެން،" އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނިއެޅުމަށް، ހުރިހާ އެންމެން ވެސް އާދައަކަށް ހެދުމަށް އެދޭ ކަމުގަ އެވެ.
މާލޭގެ ފަޅުތެރެއަށާއި މޫދަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް އާޒިމް ވަނީ މީގެކުރިން ވެސް އެކި ފޯރަމްތަކާއި ޖަލްސާތަކުގައި އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
