ޚަބަރު

ދަރިމައިވުމުގެ ފަރުވާ އާ ގުޅޭ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރަން ސްކޮލާޝިޕްތަކެއް ދެނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ހަތް ވަނަ ސަމިޓުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް މެކް ފައުންޑޭޝަނުން ސްކޮލާޝިޕްތަކެއް ދޭން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކަމަނާ އެހެން ވިދާޅުވެފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ އިފުތިތާހީ ސެޝަނުގައި ދެއްވި ތަގުރީރުގަ އެވެ.

ފަސްޓް ލޭޑީގެ ވާހަކައިގައި މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދަ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް އެކަމަނާ އައްޔަންކުރެއްވި ކަމަށް ޓަކައި، އެ ފައުންޑޭޝަނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް އެ ފައުންޑޭޝަނުން ސްކޮލާޝިޕްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެންނަމަވެސް މުހިންމު ދާއިރާއެއްކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ފަސްޓް ލޭޑީގެ ވާހަކައިގައި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އަދި ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައިވެ އެވެ.

އޭގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ޖެންޑަ އިކުއަލިޓީ ޕޮލިސީތައް ތައާރަފުކުރުމާ ބެހޭގޮތުން ވެސް ފަސްޓް ލޭޑީ ވަނީ ވާހަކަ ދައްކަވާފަ އެވެ.

މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވްގެ ހަތް ވަނަ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.

Ads by HDC