ޚަބަރު

ފުރަތަމަ ޖީޕީ ކްލިނިކުގެ މަސައްކަތް ދޮޅު މަސް ތެރޭ ނިންމަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް / ފޮޓޯ:ހެލްތް މިނިސްޓްރީ

މާލޭގައި ހަދާ ފުރަތަމަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާންމު ބަލިތަކަަށް ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބުދަ ދުވަހުގެ ރޭ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ކިއު ކުޑަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ ޖީޕީ ކްލިނިކުތަކުގެ ހިދުމަތް ފެށުމުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކުގެ މާލޭގައި ހެދޭނެ ކަމަށެވެ.

"އެއީ ކޮރެލް ބޮލެވާޑް މާފަންނުގައި ހުރި އިމާރާތް. އިމާރާތުގެ މަސައްކަތް ނިމެނީ. އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި ހަމަ ދެ ވަނަ ތަނެއްގެ މަސައްކަތް ވެސް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ގާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ ހަ ކްލިނިކު ގާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިދުމަތް ދެމުންދާ ގޮތަކީ އާދައިގެ ކުދިކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށެވެ.

މި އުސޫލުން ހިދުމަތް ދޭން ފެށުމުން ފަރުވާ ހޯދުމުގަ އާއި ފަރުވާ ދިނުމުގައި ފަސޭހަ، އަވަސް ހިދުމަތެއް ބަލިމީހާއަށް ލިބިގެންދާއިރު، މައި ހޮސްޕިޓަލަށް ބާރުކުޑަވެފައި އެމަޖެންސީ ހިދުމަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަފާސް ހިސާބުތައް ދައްކާ ގޮތުން އައިޖީއެމްއެޗުގެ އިމަޖެންސީއަށް ދުވާލަކު 400 އަށް ވުރެ ގިނަ މީހުން ދޭ. އޭގެ ތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ހިދުމަތް ދެވިދާނެ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

Ads by HDC