ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓް ލޭޑީ އުފައްދަވައިފި

އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.
އެފަދަ ޖަމިއްޔާއެއް އުފައްދަވާފައިވާކަން އެކަމަނާ އިއުލާނު ކުރެއްވީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
އެ ބައްދަލުވުމުގައި މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ފަސްޓް ލޭޑީ ވާހަކަ ދެއްކެވި އެވެ. އެގޮތުން ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި ކުޑަކުދިންގެ އަދުލާއި ކުޑަކުދިން ގާނޫނާ ހިލާފުވާ މައްސަލަ އާ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާ މެދު ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ވަނީ އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެ ކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ. އޭގެ އިތުރުން ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމާ މެދު އެކަމަނާ ވާހަކަ ދައްކަވާފައިވެ އެވެ.

މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ކޮމެޓީ ބައްދަލުވުން / ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިން ގާނޫނާ ހިލާފުވުމާ އަދި ކުޑަކުދިންގެ އަދުލުގެ މައުޟޫއަށް އިންސާފުކުރައްވަމުން އެކަމަނާ ވަނީ ރާއްޖެއިން ބަލައިގެންފައި ވަނީ އެފަދަ ކުދިންނަށް ތައުލީމުދީ، އެ ކުދިން ހެޔޮ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރެ، ދެ ވަނަ ފުރުސަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޑަކުދިން ގާނޫނާ ހިލާފުވާން މެދުވެރިވާ ހަގީގީ ސަބަބު ދެނެގަނެ، އެކަމަށް އެދެވޭ ހައްލު ހޯދުމުގެ މުހިންމުކަމާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ފާހަގަކޮށް، އެ ކުދިން އެ ހާލަތަށް ދިއުމުގެ ކުރިން އަޅާލުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ ދުނިޔެއަށް ކުރިމަތިވާ ލޮޅުންތަކުގެ ސަބަބުން ކާބޯތަކެތި ލިބުމުގެ ހިރާސް އޮންނަ ގައުމުތަކެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އޭގެ އިތުރުން ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ. އެގޮތުން ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ގައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ކަަމަށް އަލިއަޅުއްވާލެއްވި އެވެ.

ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ކޮމެޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް
ކޮމެޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ ވަނީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަކުރައްވައިގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.
މެކް ފައުންޑޭޝަނުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފެއްދެވީ މެކް ފައުންޑޭޝަނުގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމެޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފަ އެވެ.
މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވްގެ ހަތް ވަނަ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.
ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ފަސްޓް ލޭޑީ މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
