އަނަސްގެ މަރު: ދައުވާ ލިބޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ދައުވާކުރި މީހުންނަށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ހައި ކޯޓުގައި ނިމެންދެން ދައުވާކުރި މީހުން ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ހަމައެކަނި އަނަސް މަރުވި ހަމަލާ ދިން ކަމަށް ބުނާ ކުއްޖާގެ މައްޗަށް އެކަންޏެވެ. އެ ކުއްޖާގެ އަދަބު ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވުމުން ވަނީ ސަލާމަތްވެފަ އެވެ.
ދެން ދައުވާކުރި ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ހާދިސާ ހިނގިތާ ހަތް އަހަރު ފަހުން 31 ޖުލައި 2017ގަ އެވެ. އެ ހަތް މީހުންގެ މައްސަލަ ވެސް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި އެދުނީ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދުގައި ބެހެއްޓުމަށެވެ.
ނަމަވެސް އެ ހަތް މީހުން ވެސް ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމުމުން ސުޕްރީމް ކޯޓުން ވަނީ އޭރު ގޮތެއް ނިންމީ ގާނޫނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ބޭރުން ކަމަށް ބުނެ އަލުން މައްސަލަ ބެލުމަށެވެ. ދެވަނަ ފަހަރު ވެސް ހައި ކޯޓުން ބަންދުގެ އަމުރެއް ނުދިނެވެ. ދެވަނަ ފަހަރަށް ދައުލަތުން ސުޕްރީމް ކޯޓަށް ދިޔައީ އެ ކޯޓުން އެ ހަތް މީހުން ބަންދު ކުރުމުގެ އަމުރު ނެރެދިނުމަށް އެދި އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނިންމައި، އެ ހަތް މީހުން ބަންދުން ދޫކޮށްލުމުން މުޖުތަމައަށް ނުރައްކާވާނެ ކަމަށް ބުރަވެ ބަންދު ކުރުމަށް އަމުރުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އަގުލަބިއްޔަތުންނެވެ. ބަންދު ނުކުރެވޭނެ ކަމަށް ފަނޑިޔާރު އައިޝާ ޝުޖޫން ދެކެވަޑައިގަތެވެ.
މި މައްސަލާގައި ގަސްތުގައި މީހަކު މަރާލުުމުގެ ދައުވާ ތިން މީހެއްގެ މައްޗަށް އުފުލާފައިވެ އެވެ. އަނެއް ހަތަރު މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:
- އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ
- އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ
- އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ
ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:
- ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް
- ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ
- ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ
- މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ