އެމްއެމްސީގެ އާ މެމްބަރުންނަށް މަގާމު ހަވާލުނުކުރާތީ އެމްޖޭއޭގެ ކަންބޮޑުވުން

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ މެމްބަރުކަމަށް އަލަށް އިންތިހާބުވި މެމްބަރުންނަށް މަގާމު ހަވާލުނުކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެމްއެމްސީގެ މެމްބަރުކަމަށް އިންތިހާބުވީ ލީވާން އަހުމަދު ނަސީރު, މުހައްމަދު މުޒައްޔިން ނާޒިމް އަދި ހައްވާ ވަޖުދާ އެވެ. އެހެން ނަމަވެސް އެ އިންތިހާބުގައި ވާދަކޮށް ބަލިވި އެހެން ބޭފުޅަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބުވި މެމްބަރުން މަގާމަށް އައްޔަނުކުރުން ވަނީ މަޑުޖައްސާލައިފަ އެވެ.
އެހެންވެ އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ އެމްއެމްސީއަށް އަލަށް ހޮވުނު ތިން މެންބަރުނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ނުދީ ދަންމަމުންދާ މައްސަލަ ކުށްވެރިކޮށްފަ އެވެ.
އެމްޖޭއޭއިން ބުނީ ބަލިވި ކެނޑިޑޭޓް ޝަކުވާ ހުށަހެޅި ނަމަވަސް އެއީ އަލަށް އިންތިހާބުވި މެމްބަރުން ޒިންމާ އަދާކުރަން ހުރަސް އެޅޭނެ ސަބަބެއް ނޫން ކަމަށެެވެ.
އެހެންކަމުން އަލަށް ހޮވުނު ތިން މެންބަރުންނަށް މަސްއޫލިއްޔަތު އަދާކުރެވޭނެ މަގު ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ތަނަވަސްކޮށްދިނުމަށް އެމްޖޭއޭއިން ވަނީ ޔޫތު މިނިސްޓްރީއަށް ގޮވާލައިފަ އެވެ.
