ޚަބަރު

ބޮޑެތި ބަލިތައް ތަހައްމަލުކުރާ ފަގީރުންނަށް އިންޝުއަރެންސް ތައާރަފްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޝަހީމް

ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަަހައްމަލު ކުރާ ފަރާތްތަކަށް އިންޝުއަރެންސް ތައާރަފްކުރަން ނިންމައިފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަން އިއުލާންކުރައްވައި ވިދާޅުވީ، ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް މި މަހުން ފެށިގެން އިންޝުރެންސް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ.

ފަގީރުންނަށް އިންޝުރެންސް ތަައާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ." ވަޒީރު ވިދާޅުވެފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގިރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

Ads by HDC