ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް އަލުން އޯޕީޑީ ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް އަލުން ފަށައިފި އެވެ.
އެ ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލަ ދިމާވާން ފެށީ ރޭގަ އެވެ. ޓެކްނިކަލް މައްސަލަ ދިމާވީ ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ހައްލުކުރެވެންދެން، ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ހޮސްޕިޓަލުގެ ޓީމުން ވަނީ ކަމާ ބެހޭ އިދާރާތަކާ އެކު މަސައްކަތްކޮށްފަ އެވެ.
ހޮސްޕިޓަލުގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ހުޅުމާލެ ހޮސްޕިޓަލުން ބުނީ ކުރިއެކޭ އެއްގޮތަށް މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.
ހިދުމަތް އާންމު ހާލަތަށް ގެނައުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.