ޚަބަރު

އެކުވެރި މާހައުލެއްގައި ބައްދަލުވެލައި "ފުލުހަކާ އެކު ކޮފީއެއް" ބޯލަން ބޭނުންތަ؟ 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުން، އާންމުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަން ކުރިއަށް ގެންދިޔަ "ފުލުހަކާ އެކު ކޮފީއެއް" ގެ ތެރެއިން / ފޮޓޯ:ފުލުހުން

އާންމުންނާ އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމަށް "ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ހާއްސަ ހަރަކާތެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

Ads by STELCO

އާންމުންނާ ގާތުން ހިދުމަތް ދިނުމަށް، ހުރި ކަންބޮޑުވުންތައް ދެނެގަންނަން ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތައް އިންތިޒާމު ކުރަމުންނެވެ. އެގޮތުން "ފުލުހަކާ އެކު ކޮފީއެއް" ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދަން ރާވައިގެން މިދިޔަ ޑިސެމްބަރު މަހު ފެށި ހަރަކާތެެކެވެ.

މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ "ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި މާދަމާ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ.

ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ކަމަށް ފުލުހުން ބުންޏެވެ. ހަރަކާތް އޮންނާނީ ހަވީރު 4:30 އިން 6:00 އަށެވެ. އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކޮށް ފުލުހުން ވަނީ ހަރަކާތުގައި ބައިވެރިވާން ދައުވަތު ދީފަ އެވެ.

"ފުލުހަކާ އެކު ކޮފީއެއް" ހަރަކާތް ފެށީ ވެސް ހުޅުމާލެ ފޭސް 2 އިންނެވެ. އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން އެ ހަރަކާތް އެ ފަހަރު ކުރިއަށް ގެންދިޔައީ ވިނަރެސް ފްލެޓު 8 ގައި ހުންނަ ބުރުޒު ބީ8 ގަ އެވެ.

އެ ހަރަކާތަކީ އާންމުންނާ ގުޅުން ބަދަހިކުރުމުގެ ކާމިޔާބު ފެށުމެއް ކަމުގައި ފުލުހުން ވަނީ ސިފަކޮށްފަ އެވެ. ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވާލެވިފައިވާ މާހައުލެއްގައި ފުލުހުންނާ އެކު، މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކޮށްފައިވެ އެވެ.

މިފަދަ ހަރަކާތްތަކަކީ އާންމުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި ގުޅުން ބަދަހިކުރުމާއި އާންމުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މުޅި ރާއްޖެ ހިމެނޭ ގޮތަށް "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް މީގެކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.

Ads by Allied Insurance