
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރަމުން ދާ އާ ސްކޫލަށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންދެއްވައިފި އެވެ.
އެ ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތް ކުރާ ސްކޫލެކެވެ. މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސް މުއިއްޒު އެވެ.
ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ރާއްޖޭގެ ރަސްކަން ކުރެއްވި ސުލްތާން އަލީ (ހަވަނަ) – އަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ. އަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ގައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިހްލާސްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. އަލީ ރަސްގެފާނުގެ ނަންފުޅު ތާރީހުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަތަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގަ އެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ އުމްރާނީ ތަރައްގީގެ މަޝްރޫއު އަކީ ތައުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެ އެވެ.
