ޚަބަރު

މާލޭގެ އިމާރާތްތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގެ އިމާރާތްތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލްއިން މަސައްކަތް ފަށައިފި އެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލްއިން ބުނީ މާލެ ސިޓީގެ އިމާރާތް ތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރުމަށް، ހާއްސަ މަސައްކަތްތަކެއް މިހާރުވެސް ފަށައިގެން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެގޮތުން ބުރުޒު މަގަށް ފެންފައިބާ 40 އިމާރާތެއްގެ ތެރެއިން 22 ތަނެއްގެ މައްސަަލަ ހައްލުކޮށް  28 ގެއެއްގެ މައްސަލައަށް ހައްލު ކޮށްދިނުމަށް އެދި، އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް ކައުންސިލްއިން ބުންޏެވެ.

ކައުންސިލްއިން ބުނީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، މާލެ ސިޓީގެ އިމާރާތް ތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރުން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ނިޔަލަށް، މާލެ ސިޓީގެ މަގުތަކަށް ފެން ފައިބަމުން އަންނަ ހުރިހައި ޢިމާރާތްތަކަށް ގޮސް، އެ ތަންތަނުގެ ވެރިން ނުވަތަ އެ ތަންތަން ބޭނުން ކުރައްވާ ފަރާތްތަކާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުން. މި މަސައްކަތް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުން. މި މި މައްސަލަ އަވަހަށް ނިމުން ބިނާވާނީ ވެސް ރައްޔިތުން ދެއްވާ އެއްބާރުލުމަށް. މިހާރު ވެސް އެ އެއްބާރުލުން ދެއްވާކަން ފާހަގަކުރަން" މާލޭގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޒް މީކާއީލް ވިދާޅުވި އެވެ.

މި މަސައްކަތަކީ މާލެ ސިޓީގެ މަގުތައް، ހިތް ފަސޭހަ މަގުތަކަކަށް ހެދުމަށް ޓަކައި ކަޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އެއް މަސައްކަތްކަން، މޭޔަަރު އާދަމް އާޒިމް ފާހަގަކުރެއްވި އެވެ.

އަދި މިކަން ހާސިލު ކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އެ ރައްޔިތުން ވެސް ޒިންމާތަކެއް ނަންގަވައިގެން ކަމަށް ވެސް، މޭޔަރު ވިދާޅުވި އެވެ.

Ads by Allied Insurance