ޚަބަރު

މާދަމާ އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ

. ، ދެން އޮންލައިން
ހަތަރު ފުރޮޅީ އުޅަނދުތަކެއް--

މާދަމާ އިން ފެށިގެން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ނިންމައިފި އެވެ.

މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުންނެވެ. މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން ހިންގުމެވެ.

މިފަދަ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށެވެ. މީގެ އިތުރުން، މި ހިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި އާ ގަވާއިދުގެ ދަށުން، ޖުލައި 13 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ އެވެ.

އެހެންވެ އެކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.