ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރީކުރި ދެމަފިރިން ދޫކޮށްލައިފި

ސައްހަ ނޫން ޓްރާންސްފާ ސްލިޕްތަކެއް ބޭނުންކޮށްގެން މީގެ ކުރިން އެތައް ފަހަރަކު ވިޔަފާރި ކުރި ދެމަފިރިން ހައްޔަރުކުރުމަށް ފަހު އަނެއްކާވެސް ދޫކޮށްލައިފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.
ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ. މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.
ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފައިވެ އެވެ.
ފުލުހުން ބުނީ އެ ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ ކަމަށެވެ.
އެ މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާކަމަށް، މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެ އެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
