ޓާމިނަލްއާ އެކު އެއާޕޯޓު ރީތިވާނީ ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެނިގެން: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި އެތަނުގެ އާ ޓާމިނަލް ރީތި ވާނީ ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތް ވާނެ މަގު ފެނިގެން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންކްރިޓް ބިއްލޫރި އަދި ޕްލާސްޓިކުގެ އަވާގައި ޖެހި އެއީ ތަރައްގީ ކަމަށް ދެކޭނަމަ އެއީ ހަނި ވިސްނުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވަޅިރީތީ ތޫނު ކަމަށް ބުނާ މިސާލުގައި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްވެސް ރީތިވާނެ ކަމަށެވެ.
"އާ އެއާޕޯޓުގެ ސަބަބުން ޓޫރިސްޓުން އިތުރުވެ، އިގްތިސާދު ކުރިއަރައި، އާމްދަނީ އިތުރުވެ ދަރަނީހގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަމަ އެއާޕޯޓު ވަރަށް ރީތި" އެމަނިކުފާނު ވިދާޅުވި އެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އަކީ ދިވެހީންގެ ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.
މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއަޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ.
ވީއައިއޭގެ އާޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު މަޝްރޫއުގެ ބޮޑު ބައެއް ނިމުނު ނަމަވެސް ބާކީ ނުކޮށް ހުރި ގިނަ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމީ މި ސަރުކާރު އައުމަށް ފަހުގަ އެވެ.
އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
