ޚަބަރު

އާމްދަނީ 20 ބިލިއަނަށް އަރައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި/ ފޮޓޯ: ދެން

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓަށް އާމްދަނީ ގޮތުގައި ލިބުނު ފައިސާގެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

މިއީ ނިމިގެންދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާ އެވެ. އެގޮތުން، ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތަ އެވެ.

ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 54.4 އިންސައްތަވަނީ އިތުރުވެފަ އެވެ. ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރުވަނީ ބޮޑުތަނުން އިތުރުވެފަވާއިރު ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 17.6 އިންސައްތައިންވަނީ އިތުރުވެފަ އެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ ވެސް ވަނީ 53.3 އިންސައްތަ އިތުރުވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރުމެވެ.

ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ. އެ އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން އިތުރުވެފަ އެވެ.

އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 54.4 އިންސައްތަވަނީ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

Ads by HDC