ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއާލައިންއެއް އާ ޓާމިނަލްއަށް ބަދަލުކުރަނީ

އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއާލައިންއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްއަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އާ ޓާމިނަލްގެ މަސައްކަތްތައް ނިންމައި ކުރިއަށް އޮތް ޖުލައި 26 ވަނަ ދުވަހު ކުލަގަދަ ހަފްލާއެއް ބާއްވައި އެތަން ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމްއަށް ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުޖުތަބާ ލަތީފް މިރޭ ވިދާޅުވީ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ޖުލައި 27ގައި ފަށާނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާއެކު ކަމަށެވެ.
އަދި އެއަަށް ފަހު ފަހަރަކު އެއާލައިންއެއް އާ ޓާމިނަލްއަށް ބަދަލު ކުރަމުން ދާނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
"ދެން އިރާދަ ކުރެއްވިއްޔާމު އަޅުގަނޑުމެންގެ ޕްލޭންއާއެކު ގޮސްފަ 30 ސެޕްޓެމްބަރާ ހަމައަށް މި އަހަރުގެ ސީޒަންއަށް އިރާދަ ކުރެއްވިއްޔާ ހުރިހާ އެއާލައިންއެއް އާ ޓާމިނަލްއަށް ބަދަލުކުރާނަން. އެއަށްފަހު އަޅުގަނޑުމެން މިހާރުގެ ޓާމިނަލްއަށް ބަދަލުތަކެއް ގެންނާނަން" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ކޮންމެވެސް ބަދަލުތަކެއް ގެނައުމަށް ފަހު ޑޮމެސްޓިކް ޓާމިނަލްއަށް ބަދަލުކުރުމުގެ ވިސްނުމެއްވެސް ގެންގުޅޭ ކަމަށެވެ.
އެމްއޭސީއެލްގެ އެހެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ޕީއެސްއެމްގައި މިރޭ ވިދާޅުވީ އާ ޓާމިނަލްއާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އާ ޓާމިނަލްގެ ޗެކިން ސިސްޓަމްތަކާއި ބެގޭޖް ހެނޑެލިން ސިސްޓަމްތަކާއި ބެގޭޖް ކްލެއިމް އޭރިއާތަކުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައްކަން ލަމްއާން ފާހަގަކުރެއްވި އެވެ.
އާ ޓާމިނަލް ތަރައްގީކޮށްފައި ވަނީ އަހަރަކު 7،5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
