ޚަބަރު

ޕްރައިވެޓް ކުންފުނިތަކުން ހައުސިން މަޝްރޫއުަތައް އަތޮޅުތެރެއަށް ފުޅާކުރަން ހައުސިން މިނިސްޓަރު ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު--

ޕްރައިވެޓް ކުންފުނިތަކުން ހައުސިން މަޝްރޫއުަތައް އަތޮޅުތެރެއަށް ފުޅާކުރަން ހައުސިން މިނިސްޓަރު ޑރ، އަބްދުއްﷲ  މުއްތަލިބު ގޮވާލައްވައިފި އެވެ.

މިނިސްޓަރު އެފަދައިން ގޮވާލެއްވީ މާލެ ސަރަހައްދުގައި ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގާ ރާއްޖޭގެ ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއިން ދ. ކުޑަހުވަދޫގައި އިއްޔެ އިފްތިތާހުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެލެއްވުމަށް ފަހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިއީ ޕްރައިވެޓް ކުންފުންޏަކުން މާލެއިން ބޭރުގައި ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ކުންފުނިތަކުން ހައުސިން މަޝްރޫއުތައް އަތޮޅުތެރެއަށް ފުޅާކުރަން ސަރުކާރުން ބާރުއަޅާ ކަމަށެވެ. އަދި މިއީ ކޮންމެ ދިވެއްސަކަށް ވެސް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާވޭރު"ގެ ނަމުގައި ކުޑަހުވަދޫގައި އާރުސީސީން އިއްޔެ އިފްތިތާހުކުރި މަޝްރޫއުގެ ދަށުން ހަތަރު ޓަވަރު އަޅަން ނިންމާފައިވާ އިރު އިއްޔެ ބިންގާ އެޅީ ފުރަތަމަ ޓަވަރުގެ ބިންގާ އެވެ. ހަތް ބުރިއަށް އަޅާ އެ ޓަވަރުގައި ތިން ކޮޓަރީގެ 80 އެޕާޓްމަންޓް ހުންނާނެ އެވެ

އެ ޓަވަރު ދޮޅު އަހަރުގެ ތެރޭގައި ނިންމަން ވަނީ އަމާޒުހިފައިފަ އެވެ.