ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސުޕްރީމްކޯޓު ހިންގުން ފަނޑިޔާރު ހަމީދުއަށް

ސުޕްރީމް ކޯޓު ހިންގުން އެ ކޯޓަށް ދާދި ފަހުން އައްޔަނުކުރި ފަނޑިޔާރު އަބްދުﷲ ހަމީދުއާ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ހަވާލުކޮށްފި އެވެ.

ހަމީދުއާ ސުޕްރީމްކޯޓު ހިންގުން ހަވާލުކުރަން ޖޭއެސްސީއިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަންއިން ބޭއްވި ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން ބުނީ އެ ނިންމުން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މާދަމާއިން ފެށިގެން ރިޓަޔާ ކުރައްވަން ނިންމަވާފައިވާތީ ކަމަށެވެ.

މުއުސަތިމް ރިޓަޔާ ކުރައްވަނީ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް  ފަހު އެވެ.

މުއުތަސިމް ބެޗިލަ އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އަދި 1994 ވަނަ އަހަރު ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓަ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެ އެވެ.

އެމަނިކުފާނު ވަނީ 1994 އިން 2001 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އޭގެފަހުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް މަސައްކަތް ކުރައްވާފައި ވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގަ އެވެ.

މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ލޯ ކޮމިޝަނާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެ އެވެ.

Ads by Ooredoo