ޚަބަރު

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މި މަހުގެ 29ގައި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭ ސިޓީ ކައުންސިލްއިން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--

މާލޭ ސިޓީ ކައުންސިލްއިން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެއް މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

Ads by MPL

މާލޭގެ މޭޔަރު އާދަމް އަޒިމް މިއަދު ވިދާޅުވީ ކައުންސިލްތަކުން ބާއްވަން، ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުން، މި މަހުގެ 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ، އެ ބައްދަލުވުމަކީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންފުޅުވާ ހިޔާލުތަކަށް ފުރުސަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއް ކަމަށެވެ.

އޭގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މޭޔަރު އާޒިމް ވަނީ، ވީހައި ވެސް ގިނަ ރައްޔިތުން އެ ބައްދަލުވުމަށް ވަޑައިގެން، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި ދެމުންދާ ހިދުމަތާ މެދު، އެ ބޭފުޅުންގެ، ބިނާކުރަނިވި ހިޔާލު ހުށަހެޅުމަށް ދައުވަތު އަރުވާފަ އެވެ.