މަނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ނ.މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި އެވެ.
އެ އިމާރާތުގެ ބިންގާ އެޅީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ.
މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 187 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލައް ކަމަށެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އެޅިފައިވާނެ ކަމަށްވެސް ބުންޏެވެ.
އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ މިފަދަ އިމާރާތްތަކުން ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.