ޚަބަރު

އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފި: ޝާހިދު

. ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ/ ފޮޓޯ: ޝާހިދު

އިންޑިއާއަކީ އިހްލާސްތެރި ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by MPL

އިންޑިއާގެ އޭއެންއައި އަށާއި ވިއޯންއަށް އިއްޔެ ދެއްވި އިންޓަވިއުތަކެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރަހުމަތްތެރިއެއްކަން ދިވެހި ސަރުކާރުން މިހާރު ގަބޫލުކޮށްފިކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

އަދި އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ގައުމެއްކަމަށާއި، އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ގަބޫލުކުރާކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ހާމަވާ ކަމަށެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެ ދަތުރުފުޅަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިއީ އާ ފެށުމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަދި ގައުމުތަކާއެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަންވެއްޖެކަމަށާއި، ގައުމުތަކާއެކު މަސައްކަތްކުރެވޭނީ އިހްލާސްތެރިކަމާއެކު ގުޅުން ބާއްވައިގެންކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ވިއޯންއަށް ދެއްވި އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްގީއަށް އެހީވަނީ ދިވެހިންނާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ނިންމައި، ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، އަޅުގަނޑުމެންގެ އަވަށްޓެރިންގެ ގޮތުގައި މިއޮތީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށާއި އިންޑިއާގެ އިގްތިސާދަށް އަންނަ ކުރިއެރުމުގެ ފައިދާ އަޅުގަނޑުމެންނަށް ހޯދެން ޖެހޭނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އެހެންނަމަވެސް، ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo