ޚަބަރު

ކުލަގަދަ ހަރަކާތްތަކާ އެކު ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި

. ، ދެން އޮންލައިން

ކުލަގަދަ ހަރަކާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލު މިރޭ ހުޅުވައިފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ހުޅުލޭގައި އޮންނަ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އަދި އެމްއޭސީއެލްގެ ވެރިންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި އޮޕެކް ފަންޑުގެ ރައީސް އަބްދުއްހަމީދު އާއި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއް ރަހުމާން އަލް މުރްޝިދު ވެސް ޓާމިނަލް ހުޅުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ޓާމިނަލަށް ފައިނޭންސް ކޮށްދިން މުހިންމުބދެ ޕާޓީ އެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު އިފްތިތާހުކުރުމަށް އެއާޕޯޓްގައި އޮތީ ކުލަ ގަދަ ރަސްމިއްޔާތެކެވެ.

އެތައް މަހެއް ކުރިން ތައްޔާރުވުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގޮސް މިރޭ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި، ހުޅުވުމުގެ ކުރިއަށް ގިނަ ހަރަކާތްތަކެއް ހިންގި އެވެ.

މާލެ ވަށައިގެން 16 ދިމާއަކުން ހަވާ އެރުވި އެވެ. އަދި އެއާޕޯޓް ކައިރިން 3 ދިމާއަކުން ވެސް ހަވާ އެރުވި އެވެ. އަދި ޑްރޯން ޝޯއެއް ވެސް ގެންދިޔަ އެވެ.

ހުޅުވުމުގެ ކުރިން އާ ޓާމިނަލް މަޝްރޫއުގެ ތާރީހާއި މުޅި އެއާޕޯޓްގެ ތާރީޚުގެ ވީޑިއޯ ރިޕޯޓެއް އެޅުވި އެވެ. އަދި ތާރީހު ރަމްޒުކޮށްދޭ ސަގާފީ ތަމްސީލުތަކެއް ވެސް ހުށަހަޅައިދިނެވެ.

އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު  އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އާ ޓާމިނަލުގެ މަސައްކަތް މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ. ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

ރައީސް މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނެގި  އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ  ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

Ads by Ooredoo