ފަލަސްތީނާ ގުޅޭ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސްއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި މިއަދާއި މާދަމާ ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އެ ކޮންފަރެންސްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ނުހައްމައްމަދުއެވެ. އަދި މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ނަސީރު ތަގުރީރުކުރައްވާނެ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރަމުންދާކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ކޮންފަރަންސް ބާއްވަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ.
އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަނީ ފްރާންސް އަދި ސައުދީ އަރަބިއްޔާ އިން އެވެ.
