ޚަބަރު

މާވަށުގައި މަރާލި މީހަގެ ހަށިގަނޑު މާލެ ގެނެސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި ޒުވާނަގެ ހަށިގަނޑު، އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފި އެވެ.

Ads by STELCO

އިއްޔެ ހެނދުނު ދެ މީހެއްގެ ދެމެދުގައި މާވަށުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލީ މާވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ. އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް މުހައްމަދު އިބްރާހިމް (29އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މޫސާ، މަރަން އިބްރާހިމް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ އިއްޔެ ފީނައިގެން ހޯދާފަ އެވެ.

ފުލުހުން ހައްޔަރުކުރި މީހާ އަކީ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވި މޫސާގެ ވެސް ކުށުގެ ރެކޯޑު އޮވެ އެވެ.