ޚަބަރު

އުއްތަމަ ފަނޑިޔާރަކަށް ގަނީ އައްޔަންކުރަން ރައީސަށް ލަފާ ދެނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

Ads by STELCO

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާކުރެއްވުންނެވެ.

އެ މަގާމަށް ކުރިމަތިލެއްވީ ގަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

ކޮމިޝަނުން އެ ބޭފުޅުންނާ އިންޓަވިއުކުރުން ކުރިއަށް ގެންދިޔައީ ވެސް މިއަދެވެ. ތިން ބޭފުޅުންނާ އިންޓަވިއުކޮށް ނިންމުމަށްފަހު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމީ ރައީސް އޮފީހަށް ގަނީގެ ނަން ފޮނުވުމަށެވެ.

ގަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2018 ވަނަ އަހަރު ތެރޭގަ އެވެ. އެއީ އޭރުގެ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އެ ކޯޓުން ހުސްވި ޖާގައަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ގަނީ ހުންނެވީ މަދު ދުވަސްކޮޅަކު އެވެ. ޑިސެމްބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ގަނީ ވަކިކުރީ އެވެ.

އޭގެ ކުރިން 2000 އިން 2004 އަށް ގަނީ ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. 2004އިން 2018ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ދެން ހުންނެވީ ހައި ކޯޓުގަ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ވެސް އޭނާ ކުރެއްވި އެވެ.

ގަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގަ އެވެ. އެ ޓްރައިބިއުނަލްގެ މެންބަރަކަށް އޭނާ އައްޔަންކުރީ، މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާތީ ސުޕްރީމް ކޯޓުގެ ހިންގުން ހިމެނޭ ގޮތަށް އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ގަނީ ވާނީ ފެހި ގާނޫނު އަސާސީގެ ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވާ ފަސް ވަނަ ފަރާތަށެވެ.

ކުރިން އެ މަގާމު ފުރުއްވީ މުއުތަސިމްގެ އިތުރުން އަހުމަދު އަބްދުﷲ ދީދީ، އަބްދުﷲ ސައީދު އަދި އަހުމަދު ފާއިޒު ހުސައިނެވެ.

 

Ads by Allied Insurance