ޚަބަރު

ޝުޖާއާ ގުޅޭ ރިޕޯޓުގެ ތަހުގީގު ފުލުހުން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅޭ ގޮތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް(އެފްއައިޔޫ)އިން އެކުލަވާލި ކަމަށް ބުނާ ރިޕޯޓުގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ލީކުކޮށްލާފައިވާ ރިޕޯޓުގެ ސައްހަކަށް މިހާތަނަށް ވެސް އެމްއެމްއޭއިން ކަށަވަރެއް ނުކޮށްދެ އެވެ.

އެހެން ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ލީކުވި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ އެ ރިޕޯޓުގެ ސަައްހަކަން ކަށަވަރުނުވާ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ވެސް ލިބިފައިނުވާ ކަމަށެވެ.

ލީކުކޮށްލާފައިވާ ރިޕޯޓުން ދައްކާގޮތުން ޝުޖާއާއި އޭނާގެ އާއިލާތަކާ ގުޅިފައިވާ އެކައުންޓުތަކަށް 42 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރިޕޯޓުގެ މައްސަލަ ބަލަން ފަށާފައިވާ އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ވެސް މިއަދު ވަނީ ބަދަލުކޮށްފަ އެވެ

Ads by Allied Insurance