ކައުންސިލްތަކުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދަނީ

ކައުންސިލްތަކުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދަން ބިލެެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކު ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާއެއްގޮތަށް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ އެވެ.
އެގޮތުން ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. ކައުންސިލްގެ އިހުތިސޯސްތަކުގައި ހުންނަ ފަޅު ފަޅާއި ބިމާއި ފަރުތައް ވެސް ކުއްޔަށް ނުދެވޭނެ އެވެ.
އޭގެ އިތުރުން ކައުންސިލްގެ ފަހު އަހަރު ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ އެވެ.
ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުން އުފައްދަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ވެސް ހަނި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ.
އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10.މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިރު، މިހާރު ހިނގަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރެވެ. އަންނަ އަހަރު އޭޕްރީލްގައި ކައުންސިލްތަކުގެ އިންތިހާބު އޮންނާނެ އެވެ. މެއި މަހު ދައުރު ހަމަވެ އެވެ.
