ޚަބަރު

މި މަހުން ފެށިގެން ލަންކާއިން ދިވެހީންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ދޭން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން--

މި މަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން ފަށައިފި އެވެ.

Ads by STELCO

ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ލަންކާއިން ދޭން ނިންމާފައިވާކަން ރައީސް ޑޜ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މަހު ފަހުކޮޅު ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ނިންމުމާ އެއްގޮތަށް މި މަހުގެ އެކަކުން ފެށިގެން ދިވެހީންނަށް އަހަރު ދުވަހުގެ ވިސާ ދޭން ފަށައިފައިވާ ކަމަށެވެ.

ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، އެ ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް ދެކޭ ކަމަށް ވެސް  ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

 

ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

"ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކުރަމެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ." މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo