ފުރަތަމަ ހަ މަހު ވީއައިއޭއިން ހަތަރު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަށް ދީފި

މި އަހަރުގެ ފުރަތަމަ ހަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އިން ހަތަރު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަށް ދީފި އެވެ.
ވީއައިއޭއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ހަ މަހު 4108845 ފަސިންޖަރުންނަށް ހިދުމަތް ދިނެވެ. މިއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
އޭގެ ތެރެއިން އެންމެ ގިނައިން ހިދުމަތް ދީފައިވަނީ އިންޓަނޭޝަނަލް ދަތުރުތައް ކުރި ފަސިންޖަރުންނަށެވެ. އެއީ 2669969 އެވެ.
އޭގެ އިތުރުން ސީޕްލޭނުން 858797 މީހުން ދަތުރުކުރި އިރު 579079 މީހަކު އެތެރޭގެ ދަތުރުތައް ވެސް ކުރި އެވެ.
އެއާ ޓްރެފިކް މޫވްމަންޓަށް ބަލާލާއިރު އެއާ ޓްރެފިކް މޫވްމަންޓްގެ ގޮތުގައި 124،665 މޫޥްމަންޓް ރިކޯޑް ކުރެވިފައި ވެއެވެ.
އޭގެ ތެރޭގައި
- ބައިނަލްއަގުވާމީ ދަތުރުތައް - 17614 މޫވްމަންޓް
- ސީޕްލޭން ދަތުރުތައް - 14110 މޫވްމަންޓް
- އެތެރޭގެ އުދުހުންތައް - 92941 މޫވްމަންޓް
ވީއައިއޭއިން ވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ވެސް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ.
78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ އާ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލް ހުޅުވިފަހުން ވެސް 2500އަށް ވުރެ ގިނަ ފަސެންޖަރުންނަށް ވަނީ ހިދުމަތް ދީފަ އެވެ.