ޚަބަރު

ތުޅާދޫގައި އެއާޕޯޓު އަޅަން ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތުޅާދޫގައި އެއާޕޯޓު އަޅަން ބިންހިއްކަން އެމްޓީސީސީއާ ހަވާލުކުރުން

ބ. ތުޅާދޫގައި އެއާޕޯޓު އަޅަން ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އެވެ.

އެމްޓީސީސީއާ މިއަދު އެ މަސައްކަތް ހަވާލުކުރީ 570 މިލިއަން ރުފިޔާ އަށެވެ. އެއީ ބިން ހިއްކުމާއެކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ގޮތަށެެވެ.

އެއީ 660 ދުވަސް ތެރޭ މަސައްކަތް ނިންމާގޮތަށެެވެ.

ތުޅާދޫ އެއާޕޯޓު އަޅަން ބިން ހިއްކަން 2023 ވަނަ އަހަރުގެ ޖުލައި މަހު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ވެސް ސަރުކާރުން ހަވާލުކުރި އެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެއެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅާއިރު ބ.އަތޮޅުގެ ދަރަވަންދޫގައި މިހާރު ވެސް ދަނީ ޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުން ނެވެ.

ބ، އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގަމުންދާ ވެސް އަތޮޅަކަށްވާ އިރު ގިނަ އަދަދެއްގެ ފްލައިޓު އެ އަތޮޅަށް ދަތުރުކުރެ އެވެ.

Ads by Allied Insurance