ހުވާކުރުމާ ގުޅޭ އުސޫލުތައް ހަރުދަނާކުރަން ހައިކޯޓުން ގޮވާލައިފި

ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުން ހުވާކުރުމާ ގުޅޭ އުސޫލުތައް ހަރުދަނާކުރަން ހައިކޯޓުން ގޮވާލައިފި އެވެ.
ހައި ކޯޓުން އެފަދައިން ގޮވާލީ ވޭޕުގެ ވިޔަފާރިއާ ގުޅޭ މައްސަލައިގައި ހައްޔަރުކުރި ފުލުހެއް ކަމަށްވާ މުހައްމަދު ސާޖިދު އަހުމަދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން އެ މައްސަލަ ބަލައި އިއްވި ހުކުމްގެ ހުލާސާގަ އެވެ.
ސާޖިދުއަކީ ފުލުހެއް ކަމަށްވާތީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލު ހިންގުމުގެ ކުށް ކުރި ކަމަށް ވެސް އޭނާ މައްޗަށް ތުހުމަތުކުރި އެވެ.
އެހެން ނަމަވެސް ފުލުސް މީހާ ޝަރީއަތުގައި ބުނީ އޭނާއަކީ ފުލުހަކަށްވެ ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ބިރުން ހުވާގެ އިގުރާރު ނުކިޔާ ކަމަށެވެ.
އެކަމަށް ރިއާޔަތްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ މާތް ﷲ ގަންދީ ހުވާކުރުމަ ގުޅޭ ގޮތުން އެފަދަ ގޮތަަކަށް ކަންކަން ވެގެން ނުވާނެ ކަމަށާއި އަދި ފުލުސް މީހާ ޝަރީއަތުގައި ވެސް އެފަދަ ގޮތަކަށް ހުވަޔާ ގޮތުން ވާހަކަ ވެސް ދެކެވިގެން ނުވާނެ ކަމަށެވެ.
އެހެންވެ ދައުލަތުގެ ވަޒީފާތަކަށް އައްޔަނުކުރެވޭ މީހުން ހުވާގެ އިގުރާރުގައި ސޮއިކުރާއިރު، ހުވާގެ އިގްރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެ މަތިން، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންޖެހޭ ގޮތާއި، ގާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ދެމެހެއްޓުމާއި ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ދެކޭ ކަމަށް ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި ފުލުސް މީހާ ހައްޔަރުކުރީ ރަނގަޅަށް ކަމަށް ވެސް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.
